ރާއްޖެއިން މި އަހަރުގެ ފުރަތަމަ ތިން މަހު މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ އިން މާޗް މަހާ ހަމައަށް ރާއްޖެއިން 21،599.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 14،259.9 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 7،339.5 މެޓްރިކް ޓަނުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ކަޅުބިލަ މަހެވެ. އެގޮތުން މިދިޔަ މާޗް މަހުގެ ނިޔަލަށް 16،323.4 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން، ރާއްޖެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 3،250.1 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 1،333 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

މަހުގެ އެކްސްޕޯޓް މިފަދަ ބޮޑު އަދަދަކަށް އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ހެޔޮ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މި އިތުރުވުމަކީ މަސްވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމެއްގެ ގޮތުގައިވެސް ބެލެވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *