މިދިޔަ އޭޕްރީލް މަހު މީރާއަށް 2.60 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާއިން ބުނެފައިވަނީ މިދިޔަ މަހު އެ އޮތޯރިޓީއަށް ބަލައިގެންފައިވާ އަމްދަނީ އަކީ އެ އޮތޯރިޓީއަށް އޭޕްރީލްމަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ %1.6 އިތުރު އަދަދެއް ކަމަށާއި އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 22.7 ޕަސެންޓްގެ އިތުރު އަދަދެއް ކަމަށެވެ.
މިދިޔަ އަހަރުގެ އެޕްރީލްގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ އެޕްރީލްގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީ ވެސް މިދިޔަ މަހު ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ މަހު މީރާއަށް ޖީއެސްޓީ ގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 226.7 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ. މީގެ އިތުރުން އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީސީ) ގެ ގޮތުގައި 155.3 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

