މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި 34 މިލިޔަން ޑޮލަރުގެ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ މަންތްލީ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން 34.3 މިލިޔަން ޑޮލަރުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 28.1 މިލިޔަން ޑޮލަރުގެ މަހުގެ ބާވަތެކެވެ. އެހެންކަމުން މަސް އެކްސްޕޯޓްކުރި މިންވަރަށް މިއަހަރުގެ މި މުއްދަތުގައި 6.2 މިލިޔަން ޑޮލަރު ވަނީ އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން 21،599 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 14،259 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %51 އިތުރުވުމެކެވެ.
ފިނިކުރި މަހުގެ ގޮތުގައި މި މުއްދަތުގައި ރާއްޖެއިން 19،674 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައިވާއިރު. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވާ 11،939 މެޓްރިކް ޓަނާއި އަޅާ ބަލާއިރު %64.9 އިތުރު އަދަދެކެވެ.
ނަމަވެސް ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު މިއަހަރުގެ މި މުއްދަތުގައި ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ތެރޭގައި 1،333 މެޓްރިކް ޓަނު އެކްސްޕޯޓް ކޮސްފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގައި 1،882 މެޓްރިކް ޓަނު އެކްސްޕޯޓް ކޮސްފައިވެއެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު %29.2 ވަނީ ދަށްވެފައެވެ.

