ބޭންކް އޮފް މޯލްޑިވްސްއިން ސްޓޫޑަންޓް ޑެބިޓް ކާޑު ތަޢާރަފުކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މި ކާޑަކީ ފައިސާ ހަރަދު ކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށާއި، މި ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިއުމުރުފުރައަކަށް ކަމަށާއި، އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނާއި، 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މިކާޑުން އެއްވެސް ފީއެއްވެސް ނުނަގާނެ ކަމަށާއި އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ މި ކާޑުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ހަރަދުގެ 0.5 ޕަސެންޓް ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށްވެސް ބުނެއެވެ.
އަދި މި ކާޑުގެ މުއާމަލާތްތައް ބެލެނިވެރިޔާއަށް ޓްރެކް ކުރެވޭނެ ކަމަށާއި، ބެލެނިވެރިޔާގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ލޮގިން އިން އެ މައުލޫމާތުތައް ބެއްލޭވެނެ ކަމަށެވެ. މީގެ އިތުރުން ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެ އެވެ.
އެގޮތުން މި ކާޑާ ބެހޭ ގޮތުން އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިއަދު ތައާރަފްކުރި ކާޑަކީ، ހަމައެކަނި ޕޭމެންޓްތައް ހެދުމަށް ހާއްސަކުރި ކާޑެއް ނޫން ކަމަށާއި އެއީ ބޭންކިން އާއި ޕޭމެންޓް ދާއިރާއަށް އަންނަ ބަދަލުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށް ފަށާ ފެށުމެއް ކަމަށެވެ.

