ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 80 އިންސައްތައަށް ވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

އާރުއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވި ގޮތުގައި މުޅި މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު މަސައްކަތްތައް ކުރިއަށް ގެންދަނީ އިންޑިޔާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިންނެވެ.

އެއަރޕޯޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ރަންވޭއާއި އޭޕްރަން އަދި އެއަރޕޯޓާ ގުޅޭ މަގުގެ މަސައްކަތާއި އެމްއެންޑީއެފް ބްލޮކްގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަސައްކަތުގެ 72 އިންސައްތަ ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ފިއުލް ފާމް، ހޭންގަރު، ކާގޯ އަދި އެރައިވަލް ޖެޓީގެ ގިނަ މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ. މި އެއަރޕޯޓް ތަރައްޤީ ކުރެވެމުންދަނީ ފްލައިޓަށް އެރުމަށް އެއިރޯ ބްރިޖްތައް ވެސް ހިމެނޭ ގޮތަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެވެމުންދަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ. އެއަރޕޯޓްގެ ރަންވޭގެ ދިގުމިނަކީ 2,464 މީޓަރެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ އުތުރު ސަރަޙައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *