ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގައި އަމިއްލައަށް ތާރުއެޅުމުގެ ކެޕޭސިޓީ މިވަގުތު ނެތް ކަމަށާއި އަކަމަށް ހައްލެއް ހޯދުމަށް އާރްޑީސީއާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބްއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ވަނީ ތިމަރަފުށީ މަގު ތާރު އެޅުމުގެ މަސައްކަތް ފެށޭނީ ކިހާހިސާބަކުތޯ އަދި އާރްޑީސީ އެރަށުގައި އޮތުމުން ރިންގްރޯޑުގައި ތާރުއަޅަންފެށޭނީ ކޮންއިރަކުތޯ ސުވާލު ކޮށްފައިވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ތިމަރަފުށީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިއޮތީ އާރްޑީސީގެ ފަރާތުން އިންޑިއާގެ ކުންފުންޏަކަށް ސަބްކޮންޓްރެކްޓް ކޮށްގެން ކަމަށެވެ. ނަމަވެސް މިސަރުކާރުން ހަވާލުވިއިރު އިންޑިއާ ކުންފުނިން އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުގެންދާތީ އާރްޑީސީން މަސައްކަތާއި ހަވާލުވެ ތާރުއެޅުމާއި ހަމައަށް ގެންގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”އާރްޑީސީގައި މިވަގުތު އަމިއްލައަށް ތާރުއެޅުމުގެ ކެޕޭސިޓީ ނެތުމާއެކު ތާރުއެޅުމުގެ މަސައްކަތް ނުފެށި އޮތީ. އެއަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރްޑީސީއާ އެއްކޮށް މަސައްކަތްތަކެއް ކުރަމުން ގެންދަން، އެހެން ކޮންޓްރެކްޓަރެއް ލައްވާނަމަވެސް ތާރުއެޅުމުގެ މަސައްކަތް ފެށޭތޯ.“ މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

އާރްޑީސީއަކީ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެކެވެ. އެގޮތުން އެކި ރަށްރަށުގައި މަގުހެދުމުގެ މަޝްރޫއުތައް އާރްޑީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދެ އެވެ.

އާރްޑީސީން ހާމަކޮށްފައިވާގޮތުގައި މިވަގުތު އެކުންފުނިން ކުރިއަށް ގެންދާ 25 ޕްރޮޖެކްޓެއްގެ މަސައްކަތްދަނީ ކުރިއަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *