ސްޓޫޑެންޓް ލީނު އަނބުރާ ނުދައްކާތީ އެފައިސާ ހޯދަން މަސައްކަތްކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ދރ ހައިދަރު ވިދާޅުވީ ސްރުކާރުން ހަމަޖައްސައިދޭ ސްޓޫޑެންޓް ލޯނުގެ އެހީގައި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށްފަހު ގިނަ ފަރާތްތަކަކުން "ސްޓޫޑަންޓް ލޯން" އަނބުރާ ނުދައްކާ ކަމަށެވެ. އެގޮތުން މިނިސްޓަރ ހައިދަރު ވިދާޅުވީ ކިޔެވުމަށް ފަހު ލޯނު އަނބުރާ ދައްކަނީ 40 އިންސައްތަ ދަރިވަރުން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި، އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި ގިނަ ދަރިވަރުން ހަމައަށް ބަރާބަރަށް ނުދައްކާ ކަމަށެވެ.
އެހެންކަމުން ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް މިނިސްޓްރީން ކުރަން ޖެހޭ މަޝްވަރާތައްކޮށް، ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށްވެސް މިނިސްޓަރ ޑރ ހައިދަރު ވިދާޅުވިއެވެ.

