ސޯޝަލް މީޑިއާގައި ފެތުރެމުންދާ މާލެ އިންޖީނުގޭގެ އިންޖީނު ރޫމްގެ ފޮޓޯ އާއި ވީޑިއޯއަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިނގި ހާދިސާއެއްގެ މަންޒަރުތަކެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
”ކުރުސީ“ ނަމުގައި ސޯޝަލް މީޑިއާގައި ހިންގާ އެކައުންޓުން އިއްޔެކުރި ޕޯސްޓުތަކެއްގައި ވަނީ އިންޖީނުގޭގައި ބޭނުން ކުރަން ދިޔަ އިންޖީންތަކެއް މަރާމާތު ނުކުރުމުން، އެ އިންޖީންތައް ބޭނުން ނުކުރެވޭ ހާލަތަށް ވަނީ ގޮސްފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް މިލިއަނުގެ ގެއްލުމެއް ލިބުނު ކަމަށް ތުހުމަތުކޮށް، ވާހަކަތަކެއް ފަތުރާފައިވެ އެވެ.
އެ ވާހަކަތަކުގެ ހަޤީޤަތް ހާމަކޮށް، ސްޓެލްކޯ އިން މީޑިއާތަކަށް ފޮނުވި މައުލޫމާތުގައިވާ ގޮތުގައި ދައުރުކުރި މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގި ދުވަހުގެ ފޮޓޯތަކެކެވެ. އަދި އެ ދުވަހުގެ އެ ހާދިސާ ހިނގުމާއެކު ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ އަލިފާން ވަނީ ނިއްވާލާފަ އެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައިވެސް ޖެހިގެން އައި ދުވަހު، އެކަމުގެ ހަބަރު ޝާއިރުކޮށްފައިވެ އެވެ.
ސްޓެލްކޯ އިން ބުނީ މި ހާދިސާ ހިނގިތާ ދެ ދުވަހެއް ތެރޭ އިންޖީނު މަރާމާތު ކުރެވި މިހާރު ވެސް ދަނީ ބޭނުން ކުރަމުން ކަމަށެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ ކުންފުނީގައި ހުރި ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދޭތެރެއަކުން މާލެ އިން ކަރަންޓު ކަނޑަނީ އެ ދުވަހު އިންޖީނު ހަލާކުވެގެން ކަމަށް ބުނެ ކޮށްފައިވާ ތުހުމަތަށް ރައްދުދީ ސްޓެލްކޯ އިން ހާމަކުރި ގޮތުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން ކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް ކަމަށެވެ.
އޭގެއިތުރުން ސްޓެލްކޯ އިން ވަނީ މާލޭ ޕަވަރހައުސްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބަލަން ބޭނުންވާ ނޫސްވެރިންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

