އއ، މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އއ މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެކަމަށް ޝައުުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް(އީއޯއައި) ހުށަހަޅުމުގެ ފުރުސަަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.
އިއުލާނުގައި ބުނެފައިވާގޮތުން އެ އެއާޕޯޓަކީ ކްރޮސް ސްބްސިޑީގެ އުސޫލުން ސަރުކާރުންތަރައްގީކުރަން ބޭނުންވާ އެއާޕޯޓެކެވެ. އެހެންކަމުން އެ މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް ކެޕިޓަލް އަދި އޮޕަރޭޝަނަލް ޚަރަދުތައް އަނބުރާ ހޯދުމަށްޓަކައި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން ވެސް ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ.
މަތިވެރީ ފަޅު ހިއްކައިގެން އެ ތަނުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މިއަހަރުތެރޭ އެ މަސައްކަތް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު މަތިވެރިއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފަ އެވެ.

