64 ޓީމާއެކު ’މައި ހުޅުމާލެ‘ މަސްރޭސް މާދަމާ ފެށުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެ އެވެ.

މި މަސްރޭހަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމާ ގުޅިގެން، އެޗްޑީސީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބާއްވާ މަސްރޭހެކެވެ.

އެޗްޑީސީން ބުނީ މި މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 64 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ. ’މައި ހުޅުމާލެ‘ މަސްރޭސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 ގެ ނިޔަލަށެވެ.

މި މަސްރޭހުގައި އެންމެ ގިނަ މަސް ބާނާ ޓީމަކަށް 21,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެންމެ ބޮޑު މަސް ބާނާ ފަރާތަކަށް 5,000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. މި ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ޚާއްޞަ ހަރަކާތްތައް ހިމެނޭނެ ކަމަށާއި މަޤްޞަދަކީ ހުޅުމާލޭގެ ހުރިހާ ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގައި ބައިވެރިވެވޭނެ ގޮތް ހެދުންކަމަށް އެޗްޑީސީން ބުނެ އެވެ.

ފެސްޓިވަލްގެ ތެރޭގައި ހިމެނޭ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ފޮޓޯގްރަފީ ކޮމްޕެޓިޝަނެއް، ފެމިލީ ކާނިވަލެއް، ހުޅުމާލޭ ޑިސްކައުންޓް ވީކެއް، ހެލްތް ކޭމްޕެއް، ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކެއް، ސައިކްލިން ޗެމްޕިއަންޝިޕެއް އަދި ބީޗް ފެސްޓެއް ހިމެނެއެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ މީހުން އާބާދުވެފައިވަނީ 2004 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ތެރޭގަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *