އަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނައިން ފަތުރުވެރިން އައީ މާލެ އަތޮޅަށްކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް އެންޑް އެންވާރަމަންޓް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މާލެ އަތޮޅަށް ވަނީ 391،086 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔަރަތް ކުރި އދ. އަތޮޅަށް 79،773 ފަތުރުވެރިން ޒިޔާރަތް ކުރިއިރު ރ. އަތޮޅަށް ވަނީ 65،817 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 901،210 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 8.1 އިންސައްތައިގެ ކުރިއެރުމެކެވެ. 2024 ވަނަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 833،448 ފަތުރުވެރިންނެވެ.
ދުވާލަކު އެވަރޭޖްކޮށް ރާއްޖެއަށް 6،725 ފަތުރުވެރިން ޒިޔާރަތް ކުރާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެގޮތުން 640،026 ފަތުރުވެރިން ރިސޯޓުތަކަށް ޒިޔަރަތް ކުރި އިރު 211،584 ފަތުރުވެރިން ޒިޔާރަތް ކުރީ ގެސްޓްހައުސް ތަކަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި 5 ގައުމު:
- ޗައިނާ: 103،072 ފަތުރުވެރިން
- ރަޝިއާ: 97،123 ފަތުރުވެރިން
- ޔޫކޭ: 93،043 ފަތުރުވެރިން
- އިޓަލީ: 79،557 ފަތުރުވެރިން
- ޖާމަނީ: 69،238 ފަތުރުވެރިން
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމުތަކުގެ ލިސްޓުގައި އަވައްޓެރި އިންޑިއާ އުޅެނީ 6 ވަނައިގަ އެވެ. މި ލިސްޓުގެ ގަދަ 10 ގައި ދެން ހިމެނެނީ ފްރާންސާއި އެމެރިކާއާއި ސްވިޒަލެންޑްގެ އިތުރުން ޕޮލޭންޑެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި ޖުމުލަ 44 އެއާލައިނަކުން ރާއްޖެއަށް ސީދަ ދަތުރުތައްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި އޮޕަރޭޓް ކުރާ އެނދުގެ އަދަދުތަކަށް ބަލާއިރު އެންމެ ގިނަ އެނދު އޮޕަރޭޓް ކުރަނީ ރިސޯޓުތަކުގަ އެވެ. އެގޮތުން 183 ރިސޯޓެއްގައި 45،129 އެނދު އޮޕަރޭޓް ކުރާއިރު 834 ގެސްޓްހައުސްގައި 14،284 އެނދު އޮޕަރޭޓް ކުރެ އެވެ.

