ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބާތިލުކޮށްފިއެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަގާމަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
ނޮއެލް ގްރެގާއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އޭނާ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ،
ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މަހުގެ ހަތް ވަނަ ދުވަހު ވަނީ އެ މައްސަލަ ބާތިލުކޮޮށްފައެވެ. ޓްރައިބިއުނަލުން އެ މައްސަލަ ބާތިލު ކުރީ އޭނާ އަކީ ދިވެހި ބަހުން ވާހަކަ ދެއްކޭނެ މީހަކަށް ނުވާތީ، ތަރުޖަމާނަކު އައްޔަން ކުރުމަށް ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަނުކޮށްފައި ނުވާތީއެވެ.
ނަމަވެސް މައްސަލަ ބާތިލުކުރިތާ 30 ދުވަހުގެ ތެރޭގައި 500 ރުފިޔާގެ ފީއަކާ އެކު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އެ މައްސަލަ އަލުން ހުށަހަޅާފައިވާ ކަމެއް ސާފެއް ނޫނެވެ.

