ދިވެހިރާއްޖެއިން މިދިޔަ މަހު 279 މިލިޔަން ރުފިޔާގެ މަސް އެކްޕޯޓްކޮށްފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން ބޭރުކުރީ ފިނިކުރި ކަނޑުމަހެވެ. އެއީ 195 މިލިޔަން ރުފިޔާގެ ފިނިކުރި ކަޅުބިލަ މަހެވެ. ދެވަނައަށް އެންމެގިނައިން ބޭރުކުރީ ދަޅުމަހެވެ. މިދިޔަ މަހު 69 މިލިޔަން ރުފިޔާގެ ދަޅުމަސް ބޭރުކުރިއެވެ. ދަޅުމަސް އުފައްދަނީވެސް ކަޅުބިލަ މަހުންނެވެ. 3 ވަނައަށް އެންމެ ގިނައިން ބޭރުކުރީ ފިނިކުރި ބޮޑު ކަންނެއްޔެވެ، 6 މިލިޔަން ރުފިޔާގެ ކަނޑުކުރި ބޮޑުކަންނެލި ބޭރުކުރިއިރު 3 މިލިޔަން ރުފިޔާގެ ތާޒާ ބޮޑުކަންނެލި ބޭރުކުރިއެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރީ ތައިލަންޑަށެވެ. އެއީ 186 މިލިޔަން ރުފިޔާގެ މަހެވެ. އެއީ ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 64 އިންސައްތައެވެ. ރާއްޖެއިން ކަނޑުމަސް އެންމެގިނައިން އެކްސްޕޯޓްކުރަނީ ތައިލެންޑަށެވެ.


