ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސް.ޓީ.އޯ) އަށް މިދިޔަ 2024 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ނިންމާފައިވަނީ ޖަލަސާގައި ބައިވެރިވި މެމްބަރުންގެ 99 އިންސަތަ ވޯޓުންނެވެ. މި ޖަލްސާގައި 162 ހިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ އެސްޓީއޯ އަށް ލިބިފައިވާއިރު މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެގޮތުގައި ލިބުނު 16.4 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ.

މި ޖަލްސާގައި މެމްބަރުންގެ ވޯޓުން 2023 ވަނަ އަހަރުގެ ޔައުމިއްޔާ އާއި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 އެމެރިކާ ޑޮލަރު ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ. އަދި މިޖަލްސާގައި ވަނީ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކަށް މުހައްމަދު އަހުސަން ސަލީމް ހިއްސާދާރުންގެ ވޯޓުން އައްޔަންކޮށްފަޢެއެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ 99.71 އިންސައްތަ ހިއްސާދާރުންގެ ވޯޓާއި އެކުގައެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑީރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ، އެސްޓީއޯއަށް ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގުހެޔޮކުރުމެވެ.

1964 ވަނަ އަހަރު އުފެދުނު އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *