ކެޔޮޅުންނާއި ގުޅިގެން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކެޔޮޅުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެޔޮޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ އެމަނިކުފާނާއެކު ކުރިން ބޭއްވި ބައްދަލުކުރެއްވުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ އުފާކުރާ ކަމަށެވެ. އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ކެޔޮޅުން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކެޔޮޅުން ވަނީ މި ބައްދަލުކުރެއްވުމުގައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށާއި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދައިދިނުމަށްވެސް ކެޔޮޅުން ވަނީ ހުށަހަޅާފައެވެ.

