ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.
މި މަޝްރޫއުގެ އަމާޒަކީ، ހއ. ހދ. ށ. އަދި ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ޕޯޓުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހެންޑްލިން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ބާވަތްތައް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ނިޒާމުތައް ގާއިމުކުރުން ވެސް ހިމެނެއެވެ.

