މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ އެއާކްރާފްޓު، ބޮއިންގް 777ގެ ފްލައިޓެއް މިއަދު ޖައްސައިފި އެވެ.

ޑިސެމްބަރު 2019 ގައި ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 ގެ މަތިންދާބޯޓެކެވެ.

ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގާ ސަރަހައްދުގައި ހަދާފައިވާ މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑްބޮޑީ މަތިންދާބޯޓެއް މި ޖެއްސީ އެ އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ވަޒަން ކުރުމަށް ކުރިއަށް ގެންދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެއްގެ ގޮތުންނެވެ.

މި ޕްރޮސެސްގައި ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި:

• ބޯޓު ޖެއްސުމާއި ފުރުމުގައި ރަންވޭގެ ރައްކާތެރިކަން ޓެސްޓު ކުރުން

• ތެޔޮއެޅުމާއި، ފަސިންޖަރުންނަށް ޚިދުމަތް ދިނުމާއި، އަދި ކާގޯ އޮޕަރޭޝަންތަކަށް ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތައް ހެދުން

• އޭވިއޭޝަން މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ނެވިގޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހެދުން

މާފަރު އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ވަނީ ބޮޑެތި އަޕްގްރޭޑްތަކެއް ގެނެވިފަ އެވެ. މީގެ ތެރޭގައި ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ އިންނެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ 1 ޑިސެމްބަރު 2019 ގައި ހުޅުވި އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ އެއާޕޯޓެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *