ދުންފަތުގެ ވިޔަފާރި ދޫކޮށް އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ 2007 ވަނަ އަހަރުގެ ފަހުން އުފަންވި އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ފަހު ބައެއް މީހުން އެމަނިކުފާނާ ދޭތެރޭގައި ހިތްހަމަ ނުޖެހިފައި އެބަ ތިބި ކަމަށާއި ގިނައީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތައް ކަމަށެވެ.

"އަޅުގަނޑަށް ފަރުވާލެއް ނެތް. މައްސަލައެއް ނެތް އެކަމުގައި. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ ހަމަ މިއަދު ތިބޭފުޅުންނަށްވެސް ރަނގަޅު ގޮތަކީ މިއީ އޭ. ތިޔަ ވިޔަފާރިން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރިއަކަށް ބަދަލުވެ ލައްވާށޭ."

ރައީސް ވިދާޅުވީ ދުންފަތުގެ ވިޔަފާރިއަކީ މި ގައުމުގައި އެމަނިކުފާނު ތަރުހީބު ދޭނެ ވިޔަފާރިއެއް ނޫން ކަމަށެވެ.

ރާއްޖޭގެ 500،000 އެއްހާ މީހުން އާބާދީ ދުންފަތުން ސަލާމަތް ކުރެވިއްޖެނަމަ އެއީ ރައްޔިތުންނަށް ކޮށްދެވޭ ވަރަށް ބޮޑު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުން އޮތީ މުޅި މުޖުތަމައު ދުންފަތާ ދުރުކުރުވުން ކަމަށާއި މިކަމަށް އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ ސަލާމަތް ކުރެވޭނީ ގައުމުގެ މުސްތަގުބަލުކަމަށް ރައީސް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގައި ބުނެފައިވަނީ، 1 ޖަނަވަރީ 2007 ގައި އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތައް ދުންފަތްބޭނުންކުރުން މަނާކުރުމަށެވެ.

މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެ އެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ 1 ނޮވެމްބަރު 2025 އިން ފެށިގެންނެވެ.

2 Responses

  1. ބޯނެއެއްޗެއްނެތިއްޔާ އޭރައް މަސްތުވާހިކިއޮލަތަކެތީގަ ދިވެހިދަރިން ކަރުއަޅާލަން ޑުރަގްޑލަރުންނައް ފަސޭހަވާނެ

  2. ދުންފަތުގެ ބާވަތް ނުލިބޭތީއޭ ކިޔާފަ ޑރަގް ނެގުމުގެ ފުރުސަތު ނުދިނުމައް އަހަރުމެނަައް އިންޑިޔާގެ ބޯޑިން ސުކޫލްތައްވެސް ދަރިން ރާއްޖޭވަބާއިން ސަލާމަތްކުރުމައް ބޭނުންހިފާނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *