ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ ޕާޓްނަރު، ވާޓްސިލާގެ އަގު ވަޒަންކޮށްފިއެވެ.
މި އަގުވަޒަންކުރުން ކުރިއަށް ގެންގޮސްފައިވަނީ ދެ ކުންފުނި ގުޅިގެން ބޭއްވި ކުއަލިޓީ، އެންވާރަމެންޓަލް، ހެލްތް އެންޑް ސޭފްޓީ ސެޝަންގެ ތެރެއިންނެވެ.
ދެ ކުންފުނީގެ ދެމެދުގައި 10 އަހަރުގެ ގުޅުމެއް ޤާއިމުވެފައިވާއިރު، ސްޓެލްކޯއިން ވާޓްސިލާގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ހަވާލުކޮށްފައިވެއެވެ. އަދި ހަމައެއާއެކު، ސްޓެލްކޯއިން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ވާޓްސިލާއިން ވެސް ވަނީ ސްޓެލްކޯއަށް ހަނދާނީ ފިލައެއް ދީފައެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި މި ސެޝަނަކީ ދެ ކުންފުނިން ގުޅިގެން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބެކެވެ. މިހާރު ސްޓެލްކޯގައި ވާޓްސިލާގެ 14 އިންޖީނު އޮޕަރޭޓްކުރަމުންދާއިރު، މި އިންޖީނުތަކުން ޖުމްލަ 86 މެގަވޯޓުގެ ކަރަންޓު އުފެއްދޭ ކަމަށް ވާޓްސިލާއިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން ވަނީ ވާޓްސިލާއާއެކު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެދޭކަން ފާޅުކޮށްފައެވެ. މި ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުމަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ގުޅުމެކެވެ.

