ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އެއްބައި އަންނަ ޖުލައި 26 ވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ހުޅުމާލޭ އައިލެންޑް ހޮޓެލްގައި ބޭއްވުނު އޭވިއޭޝަން ފޯރަމްގައި އެމްއޭސީއެލްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ޝަފީގު އަހުމަދު ވިދާޅުވީ، ޖުލައި 26 ވަނަ ދުވަހު އާ ޓާމިނަލްގެ އެއްބައި ބޭނުން ކުރަން ފަށާނެ ކަމަށާއި ޓާމިނަލް ހުޅުވުމަށްފަހު ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލާއެކު ވައިގެ ބަނދަރުގެ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެކަމަށް ޝަފީގު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ސެލްފް ޗެކިން ކައުންޓަރުތަކާއި، ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމްތައް އިތުރު ވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލަކީ އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކޮށް ޑިޒައިންކުރެވިފައިވާ ޓާމިނަލެއްކަން ފާހަގަކުރެވެ އެވެ. މި ޓާމިނަލް ނިމުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ބުނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަންނަ ޖުލައި މަހު ނިންމުމަކީ އެމްއޭސީއެލްގެ އަމާޒު ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
އާ ޓާމިނަލްގައި 78,000 އަކަމީޓަރުގެ ޖާގަ ހުންނާނެ ކަމަށާއި، އެވްރެޖްކޮށް ދުވާލަކު 8,000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. މީގެ އިތުރުން، 38 އިމިގްރޭޝަން ކައުންޓަރާއި 7 އިތުރު ޗެކިން-ކައުންޓަރު ހިމެނޭނެ ކަމަށާއި، މިހާރާ އަޅާބަލާއިރު ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.

