މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ޕޯސްޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް ޕޯސްޓް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސައްހަ ނޫން މެސެޖެއް ފޮނުވަމުންދާ ކަމަށެވެ. އޭގެ މެސެޖެއްގެ ފޮޓޯއެއްވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެ އެވެ. އެ މެސެޖުގައިވަނީ ޕެކޭޖެއް ޑެލިވާ ކުރަން ވަރަށް ގިނައިން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ދީފައިވާ އެޑްރެސް ނުބައިކަމުން އެޑްރެސް ރަނގަޅު ކުރުމަށް މެސެޖުގެ ތިރީގައިވާ ލިންކަށް ދިއުމަށް ބުނެފަ އެވެ. އަދި ތިރީގައި ލިންކެއްވެސް ހިމަނާފައިވެ އެވެ.
ޕޯސްޓުން ވަނީ ޒާތީ އަތި މާލީ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި މިފަދަ ލިންކުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފަ އެވެ؛
"އައިޓަމް ގެ ޑެލިވަރީ އެޑްރެސް ހޯދުމަށް މޯލްޑިވްސް ޕޯސްޓް އިން އެއްވެސް ކަސްޓަމަރަކަށް މެސެޖެއް ނުކުރާނެ. ޒާތީ އަދި މާލީ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި، މިފަދަ ލިންކްތަކަށް ނުފިތާ!"

