ހއ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒް ވިދާޅުވެއްޖެ އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ނިޔާޒް ވިދާޅުވީ މިރަށުގެ ކުރެހުންތައް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ”ރިސޯޓެއް ތަރައްޤީކުރުމަށް ހޯދަންޖެހޭ ހުރިހާ ހުއްދަތަކެއް ހޯދާފައިވާ ކަމަށާއި، އެރަށުގެ ކޮންސްޓްރަކްޝަން ޕްލޭންގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިމިފައި“ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއާ ހަވާލުކުރެވުނީ 2006 ވަނަ އަހަރު އެވެ. އޭރު އެރަށް ސަބްލީޒް ކޮށްފައި ވަނީ ރަޝިއާގެ ކުންފުންޏަކަށެވެ. އެފަރާތުން ޚަރަދުކޮށް މަސައްކަތްތަކެއް ކުރި ނަމަވެސް، 2012 ވަނަ އަހަރު ދިމާވި މާލީ ހާލަތާ ގުޅިގެން އެކުންފުންޏަކަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނެވެ.
މިހާތަނަށް ރަށުގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީޑީސީން ކުރިއަށް އޮތް ތަނުގައި ނާގޯށި ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ނިމި ރިސޯޓު ހުޅުވޭއިރު 183 ކޮޓަރި ހުންނާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާ އެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަކީ ހއ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެ އެވެ. އަދި މި ރިސޯޓު ހުޅުވުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ލަފާކުރެވެ އެވެ.

