އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުގައި މިދިޔަ މަހު އެކަނި ވެސް 1.4 މިލިއަން ރުފިޔާ އޮޅުވާލައިގެން ހޯދާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހު 30 ވަނަ ދުވަހު ނިޔަލަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 136 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ ތަފާސް ހިސާބު:
– 6 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް: 39 މައްސަލަ

– 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް: 45 މައްސަލަ

– 20 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހަށް: 44 މައްސަލަ

– 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް: 8 މައްސަލަ

އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދަކީ 1،380،869ރ. ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 530،742ރ. ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކާއި ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާފައިވާ ސްކޭމްތަކެވެ.

އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލައިގެ ބާވަތްތައް:
– ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް

– ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް

– ފިޝިން ލިންކް ބޭނުންކޮށްގެން

ސްކޭމް ކުރަން ބޭނުން ކޮށްފައިވާ އިތުރު ގޮތްތަކަކީ ވައިބާ އާއި ފޯނުން ގުޅައިގެންނާއި އައިބޭ މެދުވެރިކޮށް އަދި މެސެންޖާ އާއި ޓެލެގްރާމުގެ އިތުރުން އިންސްޓަގްރާމް މެދުވެރިކޮށެވެ.

ސްކޭމްތަކުން ރައްކާތެރިވާން އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެސް ލިންކަކަށް ނުފިތުމާއި ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމާއި ދަންނަ މީހެއްގެ ފަރާތުން އަންނަ މެސެޖެއް ކަމުގައި ވިޔަސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް ހެދީ މިދިޔަ މާޗް މަހު އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *