އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ،
އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވާ މި ޖަލްސާ އޮންނާނީ ބާސެލޯ ނަސަންދުރާގެ ”އަރި“ ބޯލްރޫމްގަ އެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ 27 އޭޕްރިލްގެ ނިޔަލަށް އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ. އަދި ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ”ފަހިވޯޓް“ މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިވާ ހިއްސާދާރުން 15 ޖޫން ގެ 20:30 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އެމްޓީސީސީން ވަނީ އަންގާފަ އެވެ. ރަޖިސްޓްރީ ކުރުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް ނުވަތަ އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެ އެވެ.
މީގެ އިތުރުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި 4:00 އާ ދެމެދު އެމްޓިސީސީގެ ޓަވަރުގެ ކައުންޓަރަށް ފޯމު ހުށަހަޅައިގެންވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

