މާލެ ސަރަހައްދުން މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކް ކުނި ބޭރުކޮށްފައިވާކަން ވެމްކޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ވެމްކޯއާ ހަވާލާދީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މާލެ ސަރަހައްދުން މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކް ކުނި ބޭރުކޮށްފައިވެ އެވެ. އެންމެ ގިނައިން ޕްލާސްޓިކް ކުނި ބޭރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ 135 ޓަނުގެ ޕްލާސްޓިކް ކުންޏެވެ.
ބޭރުކޮށްފައިވާ ކުނި؛
• 131،713 ޓަނުގެ މިކްސްޑް ވޭސްޓް
• 44،684 ޓަނުގެ ތެތް ކުނި
• 22،124 ޓަނުގެ ގާކުނޑި
• 11،592 ޓަނުގެ ގޭގެއިން ބޭރުކުރާ ބޮޑެތި ކުނި
• 10،385 ޓަނުގެ ލަކުޑި ކުންޏާއި ފަތްކުނޑި
• 4،948 ޓަނުގެ ކަރުދާހާއި ކާޑުބޯޑު ކުނި
• 861 ޓަނުގެ މެޑިކަލް ވޭސްޓް
ރާއްޖޭގައި ޕްލާސްޓިކް ކުނި އުފެދޭ ވަރު މަދުކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން އަންނަނީ ޕްލާސްޓިކްގެ އެކި ބާވަތްތައް މަނާކުރަމުންނެވެ. ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި އަންނަ އަހަރުގެ މާޗު އެކަކުން ފެށިގެން މަނާވާނެ އެވެ.

