ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ހުރިހާ ބޯޓެއް، 2027 ވަނަ އަހަރުގެ ކުރިން އޭޓީއާރުގެ ބޯޓުތަކަށް ބަދަލުކުރެވިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެ އެވެ.
އިޔާސް މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވިއަންގެ ފްލީޓަށް ފަސްވަނަ އޭޓީއާރު ބޯޓު ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގަ އެވެ.
އިޔާސް ވިދާޅުވި ގޮތުގައި، އޭޓީއާރު ފްލީޓަކަށް ބަދަލުކުރަން ނިންމާފައިވަނީ މިހާރު ބޭނުންކުރަމުންދާ ޑޭޝް8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއިންޓެއިން ކުރުމުގައި ދަތިތަކާ ކުރިމަތިވަމުން ދިއުމުގެ ސަބަބުންނެވެ.
މޯލްޑިވިއަންގެ ފްލީޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އޭޓީއާރު މަރުކާގެ ފަސް މަތިންދާބޯޓު ވަނީ އެ ކުންފުނީގެ ފްލީޓަށް އިތުރުކޮށްފަ އެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ގެނައި އޭޓީއާރު-72 މަރުކާގެ ދެ ބޯޓާއި، އެޕްރީލް މަހު ގެނައި އޭޓީއާރު-42 މަރުކާގެ އެއް ބޯޓު ހިމެނެ އެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހު އޭޓީއާރު-42 މަރުކާގެ އިތުރު ބޯޓަކާއި، 2025 ވަނަ އަހަރުގެ ޖޫން މަހު އޭޓީއާރު-42 މަރުކާގެ އެއް ބޯޓު ވަނީ ފްލީޓަށް އިތުރުކޮށްފަ އެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ 2027 ވަނަ އަހަރުގެ ކުރިން ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ހުރިހާ ބޯޓެއް އޭޓީއާރު ބޯޓުތަކަށް ބަދަލުކުރުން،“ އިޔާސް ވިދާޅުވި އެވެ.
އިޔާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނެވުނު އޭޓީއާރު ބޯޓުތަކުގެ ސަބަބުން އޮޕަރޭޝަނަށް އަދި އެ އެއަރލައިނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށްވެސް ގިނަގުނަ ފަސޭހަތަކެއް ލިބިފައިވެ އެ

