ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ތެރެއިން ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކުންފުނީގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާ ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު (ފޮޓޯ މެދުގައި) ވިދާޅުވެއްޖެ އެވެ.
އެމްޑީ އަލީ ޒުހައިރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ޒުހައިރު ވިދާޅުވީ މި ސަރުކާރު އައިއިރު އާރްޑީސީގައި 837 މިލިއަން ރުފިޔާގެ ދަރަނި އޮތް އިރު، ޓްރާންސެކްޝަން ސްލިޕް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުންފުނިން ވަނީ އާ އުސޫލުތަކެއް ތަޢާރަފުކޮށްފައިކަމަށް ޒުހައިރު ވިދާޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި ޗެކް އެންޑް ބެލެންސް ނިޒާމެއް ގާއިމުކުރުމާއި، މެޓީރިއަލް ގަތުމުގައި ތިނެއް ނުވަތަ ހަތަރު ފަރާތެއް ޒިންމާދާރުކުރުވުން ހިމެނެ އެވެ. އަދި މަސައްކަތުގެ ކޮލިޓީ ޔަގީންކުރާނެ ވަކި ޓީމެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފަ އެވެ.
މިވަގުތު އާރުޑީސީން ދަނީ 27 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ސަރުކާރުން ހަވާލުކޮށްފައިވާ 109 މަޝްރޫޢުގެ ތެރެއިން 68 މަޝްރޫޢު މޮބިލައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަގު ހެދުމުގެ އިތުރުން 28 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

