ރާއްޖޭގެ އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއަން ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ސޮއި ކުރެވުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކީ ރާއްޖޭގެ ރިޒާވް ރަނގަޅުވުމުގެ މައިގަނޑު އަސްލު ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް ދެ ކަރަންސީ ވިންޑޯއަކުން ސްވޮޕް ނެގުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އެގޮތުން އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށް، 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގުމުގެ ފުރުސަތު އެމްއެމްއޭއަށް ލިބިގެންދިޔަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މޭ މަހު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ވަނީ އެޕްރީލް މަހާ އަޅާބަލާއިރު 46.58 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އެޕްރީލް މަހު 171.3 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް، މޭ މަހުގެ ނިޔަލަށް 217.88 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ.

ބޭނުން ކުރެވޭ ރިޒާވް އިތުރުވިނަމަވެސް، އެޕްރީލް މަހާ އަޅާބަލާއިރު ރަސްމީ ރިޒާވަށް 5 އިންސައްތައިގެ ދަށްވުމެއް އައިސްފައިވެ އެވެ. އެޕްރީލް މަހު 865.34 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، މޭ މަހުގެ ނިޔަލަށް ވަނީ 815.82 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

ރާއްޖޭގެ ރިޒާވްތައް އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ބޭރުފައިސާގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް ގާނޫނެއްވެސް ހަދާފަ އެވެ. އަދި ބޭންކްތަކަށް މާރު ކުރާ ބޭރު ފައިސާގެ 90 އިންސައްތަ އެމްއެމްއޭއަށް ވިއްކަން ޖެހޭގޮތަށް ގަވައިދެއްވެސް ހަދާފައިވެ އެވެ. މީގެ ސަބަބުން ބޭރު ފައިސާގެ ތާށިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *