އެތައް ހާސް ބަޔަކު އިންވެސްޓްކުރި ޖެމްކިއު ހުއްޓާލައިފިއެވެ.

ޖެމްކިއުއަށް އިންވެސްޓުކޮށްފައިވާ 50،000 އަށްވުރެ ގިނަ މީހުން ތިބޭ ގްރޫޕުތަކަށް އެ ސްކީމް ޕްރޮމޯޓުކުރަން އިސްވެ އުޅޭ މީހުން މިއަދު ފޮނުވި މެސެޖުތަކެއްގައި ބުނެފައިވަނީ އެ މީހުންނަށް ޖެމްކިއު އިން ލިބެންޖެހޭ ޖަވާބު އަދިވެސް ނުލިބޭ ކަމަށާއި އެ ޕްލެޓްފޯމް ދެން ހިނގާނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.

އެތައް ހާސް ދިވެހިންގެ އެތައް މިލިޔަން ރުފިޔާއަކަށް ޚިޔާނާތްތެރިވުމަށްފަހު ޖެމްކިއު ހިންގުމުގައި އިސްކޮށް ހަރަކާތްތެެރިވި މީހުން އައު ސްކީމެއް ޕްރޮމޯޓުކުރަން ފަށައިފައެވެ.

އެގޮތުން ޖެމްކިއުގެ މާކެޓިން ޑިޕާޓްމަންޓުން ޖަވާބެއް ނުލިބޭ ކަމަށާއި ސްކީމް ދެން ކުރިއަށްދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް އެ މީހުން ބުނެފައިވެ އެވެ. އެ މީހުން އަލަށް ޕްރޮމޯޓުކުރަން ފެށީ "ކުއަންޓް ޕޭން" ނަމަކަށް ކިޔާ ޕްލެޓްފޯމް އެކެވެ.

ގިނަ އަދަދެއްގެ ދިވެހިން އިންވެސްޓް ކޮށްފައިވާ ޕިރަމިޑް ސްކީމެއް ކަމަށްވާ ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތް ހަދާފައިވަނީ މީގެ ދެ ދުވަސްކުރިންނެވެ.

ރާއްޖޭގައި ޖެމްކިޔު ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ހަދާފައިވާ ޓެލެގްރާމު ގްރޫޕުގައި ޖެމްކިޔު އިން ފައިސާ ނުނެގިގެން އެކަމުގެ ޝަކުވާ ކުރަމުންދަނިކޮށް ފައިސާ ނުނެގޭ ސަބަބު ހާމަކޮށް، އެ ގުރޫޕު ހިންގާ ފަރާތުން އެދުވަހު ވަނީ ފޭކު ސިޓީއެއް އެ ގުރޫޕަށް ލާފައެވެ. ނަމަވެސް މިއީ ފޭކު ސިޓީއެއްކަން ވަނީ ޔަޤީންވެފައެވެ. އެސިޓީ ފޮނުވި ކަމަށް ބުނާ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖޯންސް ގިބަންސް އަކީ އެއިދާރާގައި މަސައްކަތް ވެސް ކުރާ މީހެއް ނޫނެވެ.

ފައިސާ ވިތުޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށާ އެއީ އާއްމު އުސޫލުން ކުރިއަށް ގެންދާ ރިވިއުއެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ. ކަންކަން އާއްމު ހާލަތަކަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެ ކަމަށް ބުނެ އިންވެސްޓްކުރި މީހުން ހަމަޖެއްސުމަށް އެމީހުން ދަނީ  މަސައްކަތް ކުރަމުންނެވެ.

ޖެމްކިއުއަކީ ރާއްޖެ ފިޔަވާ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ބޭނުންކުރާ ސްކީމެއް ނޫނެވެ. ނަމަވެސް މިއީ ދުނިޔޭގެ ގިނަ ޤައުމުތަކަކުން އޮޕަރޭޓްކުރާ އިންޓަރނޭޝެނަލް ބޮޑު ސްކީމެއްކަމަށް ޖެމްކިއު ރާއްޖޭގައި ޕްރަމޯޓްކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ފުލުހުން ވަނީ މިކަން ދޮގުކޮށް މިއީ އޮޅުވާލައިގެން ފައިސާ ހޯދާ ބޮޑު ސްކޭމެއްކަމަށް ތުހުމަތުކޮށްފައެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާގޮތުން ދިވެހި ފުލުހުން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ސްކީމުގައި އާޓިފިޝަލް އިންޓެލިގެންސް ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކްރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއްކަން ވެސް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން އެފަދަ ޕިރަމިޑް ސްކީމްތަކުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ޤާނޫނީގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށާއި، އެހެންކަމުން ޖެމްކިއު ސްކީމް ޕްރޮމޯޓްކޮށް އެ ސްކީމުގައި މީހުންބައިވެރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އތޯރިޓީ (ސީއެމްޑީއޭ) އާއި ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *