ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދާ ހާއްސަ ޓުއާ 36 އެއާލައިންއަކާއެކު 45 ފަރާތަކަށް ކުރިއަށް ގެންގޮސްފި އެވެ.

އެމްއޭސީއެލްއިން ބުނީ މި ޓުއާތަކަކީ އާ ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކުރުމަށާއި، އެއްވެސް ބުރޫއެރުމެއް ނެތި ހިދުމަތް ދިނުމަށް ކުރިއަށްގެންދާ ޓުއާތަކެއް ކަމަށެވެ. އަދި މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށްގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޓުއާތަކެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

މި ޓުއާތައް ކުރިއަށްގެންދަނީ ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކާއި ރިސޯޓް ރެޕްރެޒެންޓޭޓިވުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތްދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށެވެ.

މިހާތަނަށް 36 އެއާލައިނަކަށާއި ހަތް ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް މި ޓުއާ ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އިތުރު ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، 10 ސްޓޭކްހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.

އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ އާ ޓާމިނަލްގައި ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވެ އެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް ހިމެނެ އެވެ. މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *