އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރާއި، ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް-ސުވައިދީއާ ދެމެދު މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރ މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ”ވަރަށް ފައިދާހުރި ބައްދަލުވުމެއް“ ކަމަށެވެ. އަދި ދެމެހެއްޓެނިވި އަދި އަސަރުފޯރާފަދަ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ދިވެހިރާއްޖެއާއި އޭޑީއެފްޑީއާ ދެމެދު އޮންނަ ތަރައްޤީގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުތަކާމެދު މަޝްވަރާކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

އޭޑީއެފްޑީން އެންމެ ފަހުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމަށް 40 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ދީފައިވެއެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މާލީ އިދާރާއެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *