ލ. ފޮނަދޫގައި ޕޯޓް އަދި ބަންކަރިންގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފަ އެވެ. އަދި މިގޮތަށް ހުށަހަޅާ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 7 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ.
މި މަޝްރޫއުގެދަށުން ބަންކަރިން އަދި ތެޔޮ ފޯރުކޮށްދިނުން، ތެޔޮ ރައްކާކުރެވޭނެ ގޮތްހެދުން، މެރިން ސަޕޯޓް އިންފްރާސްޓްރަކްޗާ، ހުރިހާ މޫސުމެއްގައިވެސް ބޭނުންކުރެވޭނެގޮތަށް ސާވިސް ކުއޭ އަދި ބްރޭކްވޯޓާ އަދި މިހިދުމަތަށް ބޭނުންވާ ކަންކަމަށް ބިން ހިއްކުން ހިމެނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މިކަމަށް ރިކުއެސްޓް ފޮރ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް ހުޅުވާލާފައިވަނީ ހަމައެކަނި މަޝްވަރާކުރުމުގެ ބޭނުމަށް ކަމަށެވެ. އަދި މިއީ ބިޑް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް އެދި ނެރެފައިވާ އެއްޗެއް ނޫން ކަމަށް ބުނެފައިވެ އެވެ. އެގޮތުން މިކަމުގެ ތެރެއިން މަޝްރޫއުގެ ޚިޔާލާމެދު އަމިއްލަ ފަރާތްތަކުގެ ޝައުޤުވެރިކަން ހުރި މިންވަރު ދެނެގަތުމާއި، ވިޔަފާރީގެ ގޮތުން ކުރެވިދާނެކަންކަމާއި އާމްދަނީ ލިބިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ހޯދުމުގެ އިތުރުން އެކަށީގެންވާ ވިޔަފާރީގެ އޮނިގަނޑުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި މަސައްކަތްތައް ހަރުދަނާކުރުމަށް އިތުރުކުރެވިދާނެ ތަރައްޤީގެ މަޝްރޫއުތަކާ ބެހޭގޮތުން ހިޔާލު ހޯދޭނެކަންވެސް ފާހަގަކޮށްފައިވެ އެވެ.

