ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ދޮޅު ގަޑިއިރަށް އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނިންމައިފި އެވެ.
އެމްއޭސީއެލުން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އޮންނަ ރޭ 20:30 އިން 22:00 އަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުކުރެވޭނެ ކަމަށެވެ. މި ގަޑި ހޮވާފައިވަނީ އާންމުކޮށް ރާއްޖެއަށް ފްލައިޓުތައް ނުޖައްސާ ވަގުތަކަށް ވާތީ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ދިމާކޮށް ޖުލައި 26 ވަނަ ދުވަހު އެވެ.
އެމްއޭސީއެލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ވައިގެ ސަރަހައްދު ބަންދުކުރެވޭ ވަގުތުގައި ވެސް އެއާޕޯޓުގެ އެހެނިހެން އާންމު އޮޕަރޭޝަންތައް އާދައިގެ މަތިން ކުރިއަށްދާނެއެވެ. އަދި އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ރަސްމިއްޔާތުގައި ހިމެނޭ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހަވާއެރުވުމާއި ޑްރޯން ޝޯއެއް ހިމެނޭނެ ކަމަށް އެމްއޭސީއެލުން ވަނީ ހާމަކޮށްފަ އެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ވައިގެ ބަނދަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހަކަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

