ބޮންޑެޑް ވެއަރހައުސްތަކުގެ އަގު ބޮޑުކުރީ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ބޮޑު ހޭދައެއްކުރަންޖެހޭތީ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގެ ބޮންޑެޑް ވެއަރހައުސްތަކުގައި ކޮންޓެއިނަރު ބެހެއްޓުމަށް ނަގާ އަގުތައް ވަނީ ބޮޑުކޮށްފައެވެ. މިގޮތުން 20 ފޫޓުގެ ކޮންޓެއިނަރެއް ބެހެއްޓުމަށް 1،134 ޑޮލަރު އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 2،268 ޑޮލަރު ނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަގު ބޮޑުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދެމުން އެމްޕީއެލްއިން ބުނެފައިވަނީ، ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކު ކަމަށެވެ. އަދި މި ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަކި ފެސިލިޓީއެއްވެސް ޤާއިމްކޮށްފައިވާ ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.
އެމްޕީއެލްއިން އިތުރަށް ބުނެފައިވާ ގޮތުގައި، ބޮންޑެޑް ވެއަރހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް ވަކި ކީ ވޯލެއް ކަނޑައަޅާފައިވާއިރު، އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތްވެސް ގަވައިދުން ކުރަމުންދެއެވެ. މި ހުރިހާ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަގުތަކަށް ގެނެވުނު ބަދަލާއެކު، 15 އޯގަސްޓް 2025 އިން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ޚިދުމަތްވެސް ބޮންޑް ވެއަރހައުސްގެ ކަސްޓަމަރުންނަށް އެމްޕީއެލްއިން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. މިއީ މިހާރު ކަސްޓަމަރުން އަމިއްލައަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮތް ކަމެކެވެ.
އެމްޕީއެލްއިން ވަނީ މި ބަދަލާ ގުޅިގެން އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްފައެވެ. އެހެނީ ހުޅުމާލެ ބޮންޑެޑް ވެއަރހައުސް އޭރިޔާ 1، 2 އަދި 3 ގައި ބޮންޑް ކުރަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތައް ކަމަށްވާތީއެވެ.

