އެމެރިކާކައިން ކުރަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ރަނުގެ ޑިމާންޑު އުފުލިއްޖެ އެވެ.
ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާއި، އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ ވިޔަފާރީގެ މަޝްވަރާތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ސޭފް ހެވަން އެސެޓްތަކަށް އޮތް ޝައުގުވެރިކަން ވަނީ ކުޑަވެގެން ގޮސްފައެވެ. އެކަމުގެ ސަބަބުން އިއްޔެ ރަނުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު ހަމައަކަށް އެޅިފަ އެވެ.
ސިންގަޕޫރުގައި އިއްޔެ ހެނދުނު 8:24 ގައި ސްޕޮޓް ގޯލްޑްގެ އަގު ހުރީ ގާތްގަނޑަކަށް 3،389.77 ޑޮލަރަށް ކަމަށާއި އެއީ އެ 0.1 ޕަސެންޓް ކުރިއެރުމެއް ކަމަށް ބްލޫމްބާގް އިން ބުންޏެވެ. މީގެ އިތުރުން ބްލޫމްބާގް ޑޮލަރ ސްޕޮޓް އިންޑެކްސް ހަމައަކަށް އެޅިފައިވީ ނަމަވެސް، މި ހަފުތާގައި ޑޮލަރުގެ އަގު 1 އިންސައްތައަށްވުރެ ދަށަށް ވަނީ ދަށަށ ގޮސްފައިއެވެ.
ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި މުހިންމު ވިޔަފާރީގެ ބައިވެރިންނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ސޭފް ހެވަން އެސެޓްތަކަށް އޮތް ޑިމާންޑް ވަނީ ދަށްވެފަ އެވެ. އަދި އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރީގެ އެއްބަސްވުންތައް ގާއިމު ނުކުރެވިއްޖެނަމަ ދެކުނު ކޮރެއާ އާއި އިންޑިއާ ފަދަ ގައުމުތަކުން 15 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ އިތުރު ޓެރިފްތަކެއް ނަގާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވާ އެލާޓްތައް ވެސް މާކެޓުން ދަނީ ޕްރޮސެސް ކުރަމުންނެވެ. މި ނުރައްކާތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައިވީ ނަމަވެސް، މުޅި ސެންޓިމެންޓް އަދިވެސް ރަނގަޅު ކަމަށާއި، މިއަހަރުގެ ބޮޑު ބައިގައި ރަނުގެ ޑިމާންޑް މަތީގައި ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.
2025 ވަނަ އަހަރުގެ މިހާތަނަށް ރަނުގެ އަގު ވަނީ ގާތްގަނޑަކަށް 30 ޕަސެންޓް އުފުލިފަ އެވެ. މިދިޔަ އޭޕްރީލް މަހު މި މެޓަލް އައުންސަކަށް 3،500 ޑޮލަރަށް ވުރެ މައްޗަށް ރެކޯޑް މިންވަރަކަށް އަރާފައިވީ ނަމަވެސް، މަނިޓަރީ ޕޮލިސީ އާއި ޖިއޮޕޮލިޓިކަލް ޑިވެލޮޕްމަންޓާ ގުޅޭ ގޮތުން މާކެޓްތަކުން ސާފު ސިގްނަލްތަކެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރަނުގެ އަގު ކަނޑައެޅިފައިވާ މިންވަރެއްގެ ތެރޭގައި ހިފެހެއްޓިފައިވީ ނަމަވެސް، އިގްތިސަދީ ބޭނުމަށް ރި ހި ގަންނަ ފަރާތްތަތައްވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2011 ވަނަ އަހަރަށް ފަހު އެންމެ ރިހީގެ ޑިމާންޑް އެންމެ މައްޗަށް ގޮސްފައިވަނީ މިދިޔަ ހަފްތާގެ ކުރީކޮޅު އެވެ. ބްލޫމްބާގް އިން ބުނި ގޮތުގައި ރިއްސަށް އޮތް ޑިމާންޑް އިތުރުވަމުން ދަނީ ސޯލާ ޕެނަލް ފަދަ ހަކަތައިގެ ޓެކްނޮލޮޖީތަކުގައި އާންމުކޮށް ބޭނުންކުރާތީ އެވެ.

