މާލޭގެ އުތުރުން މަސްމާރުކޭޓާ ހަމައަށް އޮންނަ ބަނދަރު ނޯތު ހާބަރާ އެއްކޮށްލައި މަސްމާރުކެޓް ސަރަހައްދާ ހަމައަށް ބަނދަރު ބެލެހެއްޓުން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ދަށަށް ބަދަލުކޮށް، މަސްދޯނިފަހަރު ވިޔަވައި އެހެން އުޅަނދުތަކުން އަންނަ މަހުން ފެށިގެން ފީނަގަން ފަށާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

މިހާރުވެސް އެމްޕީއެލް އިން ބަލަހައްޓަމުން އަންނަ ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން ފީއެއް ނަގަ އެވެ. ނަމަވެސް ނޯތު ހާވަރުގެ އިރުން މަސްމާރުކެޓާ ހަމައަށް އޮންނަ ސަރަހައްދަށް ކައިރިކުރާ އުޅަނދުތަކުން މީގެ ކުރިން އެއްވެސް ފީއެއް ނަގަމުންނެއް ނުދެއެވެ. ނަމަވެސް އެސަރަހައްދު މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސގެ ތރެއިން އުނިކުރުމަށްފަހު އެ ސަރަހައްދު މިހާރުވަނީ އެމްޕީއެލް އާ ޙަވާލުކޮށްފައެވެ.

އެމްޕީއެލް އިން ބުނީ ނޯތު ހާބަރުގެ ދަށަށް މާލޭގެ އުތުރު ބަނދަރުން މަސްމާރުކެޓާ ހަމައަށް އިތުރު ކުރި ބައިންވެސް ފީ ނަގަމުންދާނީ މިހާރުވެސް ނޯތު ހާބަރުންވެސް ފީ ނަގަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް އެ އުސޫލުގެ ދަށުން މަސްދޯނިފަހަރު އިސްތިސްނާ ވާނެ ކަމަށެވެ.

އެމްޕީއެލްގެ ދަށަށް ބަނދަރު މާލޭގެ އުތުރު ބަނދަރު ބަދަލުކޮށްފައިވާތީ އެ ކުންފުނިން މިދިޔަ މަހު ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އިއްޔެ އިން ފެށިގެން އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ހިދުމަތްތައް ދޭނީ ކަނޑައަޅާފައިވާ ޓެރިފްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *