އިންޑިއާގެ ވީސީއެލް ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓު އިފުތިތާހުކޮށްފި އެވެ.
އެ ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ "ބްލޫ ލެގޫން" ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީސީއެލް ގްރޫޕުގެ ޗެއާމަން ވަރިންދާ ގާގް ވިދާޅުވީ އެ ކުންފުންޏަކީ އިންޑިއާގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އިންޑިއާިން ބޭރުގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އެގޮތުން އެކުންފުނިން މޮރިޝަސްގައި ވެސް ކާމިޔާބް ޕޮރޮޖެކްޓެއް ފުރިހަމަކޮސްފައިވާކަން އޭނާ ފާހަގަކުރި އެވެ.
އަދި ހުޅުމާލެ ފޭސް 2 ގައި ހަދާ "ބްލޫ ލެގޫން" ޕްރޮޖެކްޓްގައި ވެސް އެކުންފުނިން އެންމެ އިސްކަމެއް ދޭނީ ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނިންމުމަށާއި، މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ އިމާރާތަކީ ޖާގަ ތަނަވަސް އެޕާޓްމަންޓުތަކަކާއި ހިތްހަމަޖައްސައި ލުމަށް ބޭނުން ކުރާނެ ގިނަ ވަސީލަތްތަކަކާ އެކު ޑިޒައިންކޮށްފައިވާ އިމާރާތެއްކަންވެސް އޭނާ ފާހަގަ ކުރި އެވެ. އެގޮތުން އެޕާޓްމަންޓް ތަކަށް ގުދުރަތީ އަލި ފުރިހަމަ އަށް ލިބޭނެ ކަމަށާއި، ޓެރަސް ގައި ބޮޑު ސުވިމިންޕޫލަކާ އެކު ގާޑަންއަކާއި ބާބަކިއު އަށް ހާއްސަ ސަރަހައްދެއް ހުންނާނެ ކަންވެސް ފާހަގަ ކުރި އެވެ.
އަދި އެއިމާރާތުގައި ޑޭކެއާ ސެންޓަރަކާއި ކުޑަކުދިން ކުޅޭނެ ތަނަކާއި މަލްޓި ޕާޕަސް ހޯލާއި ފިލްމު ބަލަން ތިއޭޓަރެއްގެ އިތުރުން ޖިމެއް ވެސް ހުންނާނެ ކަމަށާއި، މި އިމާރާތުގައި 15،000 އަކަފޫޓުގެ ކްލަބް ހައުސްއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"ބްލޫ ލެގޫން" އިމާރާތުގައި ހިމެނެނީ 2 ކޮޓަރިއާއި 2+1 ކޮޓަރި އާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.
އެޕާޓްމަންޓުތަކުގެ ޖާގަ އާއި ވިއްކާ އަގުތަކަކީ:
2 ކޮޓަރި: 1،035 އަކަފޫޓު – 3.62 މިލިއަން ރުފިޔާ
2 ކޮޓަރި: 1،280 އަކަފޫޓު – 3.97 މިލިއަން ރުފިޔާ
2+1 ކޮޓަރި: 1،340 އަކަފޫޓު – 4.56 މިލިއަން ރުފިޔާ
3 ކޮޓަރި: 1،795، 1،825 އަދި 1،875 އަކަފޫޓު – 6.17 މިލިއަން ރުފިޔާ
ފަހިދިރިއުޅުން ކޯޕަރޭޝަނުން ހިންގާ ހައުސިން ޕްރޮޖެކްޓުގެ ތެރެއިން އެންބީސީސީ އާއި ހަވާލުކުރި 16 ޓަވަރުގެ ތެރެއިން 11 ޓަވަރުގެ މަސައްކަތް އެމްބީސީސީ އިން ހަވާލުކޮސްފައިވަނީ ވީސީއެލް ކުންފުންޏާ އެވެ.

