ފާނަ އެކްސްޕޯޓްކުރަން މުޅިން އަލަށްފަށާ "އޯޝަން ނެސްޓް ޕްރައިވެޓް ލިމިޓެޑުން" ފާނަ ގަންނަން ތައްޔާރުވެއްޖެއެވެ.

ވިޔަފާރި ނޫހަށް މައުލޫމާތުދެއްވަމުން އޯޝަން ނެސްޓްގެ ޗީފް އޮޕަރޭޓިންގ އޮފިސަރު އަބްދުލް ވާހިދު ވިދާޅުވީ، މާދަމާއިން ފެށިގެން އެކުންފުންޏަށް ފާނަ ގަންގަން ފަށާނެކަމަށާއި ރާއްޖޭގެ މާކެޓްގައި ފާނަ ގަންނަ އަގަށްވުރެ ދަށް ނުވާނެ ގޮތަށް ފާނަ ގަންނަން ނިންމާފައިވާ ކަމަށެވެ.

"ފާނަ މަސްވެރިންނާ މިހާރުވެސް އަގުލިސްޓް ހިއްސާ ކުރަމުން މިދަނީ. އާންމުކޮށް ރާއްޖޭގައި ފާނަ ގަންނަ އަގުތަކަށް ބަލާފަ އެ އަގުތަކަށްވުރެ ދަށް ނުވާނެ ގޮތަކަށް ފާނައިގެ އަގުތައް ނިންމާފައިވާނީ. އަގު ލިސްޓު ނުލިބޭ މަސްވެރިން އަޅުގަނޑުމެންނާ ގުޅުމުން އަގުތައް ފޮނުވައިދޭނަން." ވާހިދު ވިދާޅުވިއެވެ.

އޯޝަން ނެސްޓްގެ އޮޕަރޭޝަން މެނޭޖަރު ހުސެއިން އަލީ ބުނީ، ފާނަ މަސްވެރިން ގިނައިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް އެކުންފުނީގެ ދޯނި ފޮނުވައިގެން ފާނަ ގަތުމަށް ނިންމާފައިވާކަމަށެވެ.

"މަސްވެރިން އުޅޭ ސަރަހައްދުތަކަށްގޮސް ފާނަ ގަތުމަށް ނިންމާފައިވަނީ. އެންމެ ޚާއްޞަކަމަކީ ވަގުތުން ފައިސާ ދޭކަން. ދޯންޏަށް ފާނަ ކިރާފަ އޮފީހަށް ބިލް ފޮނުވުމުން ގިނަވެގެން ދެތިން ގަޑިއިރުތެރޭގައި ކެޔޮޅު ދޭ އެކައުންޓަކަށް ފައިސާ ޖަމާކުރާނެ. ފައިސާ ފޮނުވުމާ ދޭތެރޭ ހޭދަވާ ވަގުތުކޮޅަކީ އޮފީހުން ފާނަ ކިރި ޝީޓާއި ބިލް ޗެކްކޮށްލަން ނަގާ ވަގުތުކޮޅެެއް". ހުސެއިން ބުންޏެވެ،

އޯޝަން ނެސްޓްގެ ފާނަ ކޮށިއޮންނަނީ ހުޅުމާލޭ ފަޅުގައެވެ. ފާނަ ގަތުމާ ބެހޭ އިތުރު މައުލޫމާތު ބޭނުންނަމަ އެކުންފުނީގެ ހޮޓްލައިން 9668111 އަދި 7621645 އަށް ގުޅައިގެން މައުލޫމާތު ހޯދުމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އޯޝަން ނެސްޓުން ބުނީ ފިނިކުރި ފާނައާއި ދިރޭފާނަ އެކުންފުނިން އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *