ފޭސްބުކް މާކެޓްޕްލޭސް ގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު ސްކޭމް ހިންގައި އެކި މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އައްޑޫ، މީދޫ ފުނޯސް، ޢަބްދުﷲ މިލްހާން، 33، އިއްޔެ ސ މީދޫ އިން ހައްޔަރުކޮށްފައިވާ ކަމަށާއި، މި އޮޕަރޭޝަނަކީ، އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން މިލްހާން އަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާ ކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށާއި، އަދި އެގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއް ދީ މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަން އިނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިލްހާނު ހިންގި ތިން ސްކޭމެއްގައި 16،000ރ. ރުފިޔާ މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *