ބ އަތޮޅުގައި އޮންނަ ކިހާދުއްފަރުގައި ގާނޫނާ ހިލާފަށް ރިސޯޓު ހިންގަމުން ދާތީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެފިއެވެ.

އެކަން ހާމަކޮސްވ ޓޫރިޒަމް މިނިސްޓްރީން ކޮސްފައިވާ އިއުލާނުގައި ބުނީ ކިހާ މޯލްޑިވްސް ރިސޯޓު ހިންގާ ކިހާދުއްފަރަކީ އެ މިނިސްޓްރީ އިން އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށެއް ކަމަށާއި، ނަމަވެސް ކިހާދުއްފަރުގައި ތަރައްގީކޮށްފައިވާ ރިސޯޓަކީ ޓޫރިޒަމާ ބެހޭ ގާނޫނާއި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުންދާ ރިސޯޓަކަށް ނުވާތީ، ކަންކަން ރަނގަޅު ކުރަން މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ފުރުސަތު ދީފައިވާ ކަމަށެވެ.

އަދި އެއަށްފަހު ރަނގަޅުކުރަން ހުރި ކަންކަން ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރަން ޝަރުތުކޮށް ރިސޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވި އިރުވެސް އެ ކަންކަން ރަނގަޅުކޮށްފައި ނުވާތީ އެ މުއްދަތުގެ ފަހުން ރިސޯޓު ހިންގުމަށް އެ ކުންފުންޏަށް އިތުރު އޮޕަރޭޓިން ލައިސަންސެއް ދީފައި ނުވާ ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ރިސޯޓު އޮޕަރޭޓިން ލައިސަންސް ނެތި ރިސޯޓު ހިންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވާތީ އާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާތީ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުންފުނި 2 ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، އަދި ރިސޯޓު ހިންގުމަށް ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ތަކުރާރުކޮށް ހިލާފުވެފައި ވާތީ އާއި ގާނޫނާ ހިލާފަށް އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ކިހާ މޯލްޑިވްސް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *