މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަން ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށް މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ކުންފުނިން ގެންގުޅޭ ބައިނަލްއަޤްވާމީ އޮޕަރޭޝަންސްތައް ފުޅާކުރުމުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުންކަމަށެވެ.
މޯލްޑިވިއަނުން ވަނީ ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށްވެސް އިއުލާންކޮށްފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ސޭލްސް އެޖެންޓެއްގެ ގޮތުގައި ހޮވޭ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި ދެކުނު ކޮރެއާގައި މޯލްޑިވިއަންގެ ޚިދުމަތްތައް އިޝްތިހާރުކޮށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް އޮންނަ ދުވަސްތަކާއި ޓިކެޓްގެ އަގުތައް ބުނެދިނުމާއި ކަސްޓަމަރުން ހޯދުން ހިމެނެއެވެ. އަދި ކަސްޓަމަރުންނާއި ރަނގަޅު ގުޅުމެއް އުފެއްދަންޖެހެއެވެ.

މޯލްޑިވިއަންގެ ޚިދުމަތައް މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

