ސަރުކާރުން މި އަހަރަށް ކަނޑައެޅި 2.3 މިލިއަން ޓޫރިސްޓުންގެ ޓާގެޓަށް ވާސިލްވުމަށް އަހަރުގެ ފަހު ކުއާޓާގައި މަހަކު 200،000 ޓޫރިސްޓުންނަށް ރާއްޖެއިން މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ 1,625,852 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 9.7 ޕަސެންޓު އިތުރު އަދަދެކެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ރާއްޖެއަށް ޒިޔާރަތްކުރާނެ ޓޫރިސްޓުންގެ ޓާގެޓުގެ ގޮތުގައި ހިމަނާފައިވަނީ 2.3 މިލިއަނެވެ. އެހެންކަމުން، ރާއްޖެއިން އަހަރުގެ ފަހު ކުއާޓާ ފަށާއިރު، އެ ޓާގެޓަށް ވާސިލްވުމަށް ފަހު ތިން މަހުގެ ތެރޭ 674،000 ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ޖެހޭނެ އެވެ.
އެއީ މަހެއްގެ މައްޗަށް އެވްރެޖުކޮށް 200،000 ޓޫރިސްޓުންނެވެ. މި އަހަރުގެ މިހާތަނަށް ދެ ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ފުރަތަމަ ތިން މަހު އެކަންޏެވެ. އޭގެ ފަހުން މަހެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އައި އެޕްރީލް މަހު ރާއްޖެ އައީ 198،322 ޓޫރިސްޓުންނެވެ.
ދުވާލެއްގެ މައްޗަށް ބަލާނަމަ މި އަހަރުގެ ޓާގެޓަށް ވާސިލްވާން އަހަރުގެ ބާކީ އޮތް ކޮންމެ ދުވަހަކު 7،000 އެއްހާ ޓޫރިސްޓުން ރާއްޖެ އަންނަން ޖެހެ އެވެ. މި މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހު ރާއްޖެ އައީ 6،355 ޓޫރިސްޓުންނެވެ. މި އަހަރުގެ ޑެއިލީ އެވްރެޖް ހުރީ 5،999 ގަ އެވެ.

