އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގައި އެސްޓީއޯގެ ރީޓެެއިލް ފިހާރައެއް ހުޅުވުމަށް އެޗްޑީސީއާ މަޝްވަރާ ކުރައްވާނެކަމަށެވެ.
"އެޗްޑީސީއާ ވާހަކަދައްކައިގެން އަޅުގަނޑުމެން ހުޅުމާލޭގައި ފިހާރައެއް އެބަ ހަދަން. ރޯދަ މަހުގެ ކުރިން އެ ފިހާރަ ހުޅުވި، ހުޅުމާލޭ ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެ. އެއީ ފޭސް ވަންގައި. އަދި ފޭސް ޓޫވެސް އެބަ އެކްސްޕްލޯ ކުރަން ކޮބާތޯ ހުރި ފެސިލިޓީސްއަކީ." މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެންދިޔަ 23 ބާވަތް، އެސްޓީއޯއިން މިއަދުން ފެށިގެން ބާޒާރަށް ނެރެ ވަނީ ވިއްކަން ފަށާފައެވެ. މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ގަނޑުކޮށް ރާއްޖެ ގެނެސް ވިއްކަން ފަށާފައިވާ ބާވަތްތަކަކީ؛
ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް، މޭބިސްކަދުރު، ފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، އަލުވި، ކެބެޖް، ބަރަބޯ، ބޯވެލި، ލޮނުމެދު، ރީނދޫ މުގު، ކުކުޅުބިސް އަދި ކާއްޓެވެ.
އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮއްފައެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

