ހުޅުމާލޭގައި ފުޅާދާއިރާއެއްގައި މަހުގެ ވިޔަފާރިކުރި "ނޮސްޓްރާ މަސްފިހާރަ" ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މީގެ 4 އަހަރުކުރިން ހުޅުމާލޭ ރަބަރުގަސްމަގު 8 ގައި ހުޅުވި މި ފިހާރަ ވަގުތީގޮތުން ބަންދުކުރީ މި ފިހާރަ މާލެއަށް ބަދަލުކުރުމަށްކަމަށެވެ. ނޮސްޓްރާ މަސްފިހާރައިގެ މެނޭޖަރު ރިޟުވާނު ޖަމާލު ބުނީ ފިހާރަ ހުޅުވައިގެން މިވީ 4 ވަރަކަށް އަހަރު އެ ފިހާރައިގެ ވިޔަފާރި ބޮޑަށް ބިނާވެފައިއޮތީ ޑެލިވަރީތަކަށާއި ރިސޯޓް ސަޕްލައިގެ މައްޗަށް ކަމަށެވެ.
"ހުޅުމާލޭގައި ފިހާރަ ހުރި މަގަކީ ތަންކޮޅެއް މީހުން މަދު މަގެއް. އެހެންވެ ފިހާރައަށް އަންނަ މީހުން ވަރަށް މަދު. އެކަމަކު ޑެލިވަރީތަކާއި ރިސޯޓް ސަޕްލައިން ރަނގަޅު އެއްޗެއް ލިބޭ. އެކަމަކު ފަހުން މިވީ ގޮތަކީ ރިސޯޓް ސަޕްލައިތައް ކުއްލިއަކަށް މަދުވީ، އަދި މިކޮޅުން ޤަވާއިދުން ސަޕްލައިކުރާ މާލޭގެ މަޝްހޫރު ބައެއް ހޮޓާ ރެސްޓޯރެންޓްތަކުންވެސް ވިޔަފާރި ދަށްވުމުން މަސް ނަގާވަރު މަދުވީ. އެހެންވެ މިވަގުތަށް ބަންދުކޮށް މާލެއަށް ފިހާރަ ބަދަލުކުރަން ނިންމީ". ވިޔަފާރި ނޫހަށް މައުލޫމާތު ދެމުން ރިޟްވާނު ބުންޏެވެ.
ރިޟްވާން ބުނީ، ވިޔަފާރީގެ ކޮންސެޕްޓް ބަދަލުކޮށް، ފިހާރައަށް ގިނަ މީހުން އަންނަ ކަހަލަ ގޮތަކަށް މާލޭގައި ވަރަށް އަވަހަށް އެ ފިހާރަ ހުޅުވާނެ ކަމަށެވެ.
"މީގެކުރިން އަޅުގަނޑުމެން މި ވިއްކީ ފަރުމަހާއި ކަނޑުމަހުގެ ބާވަތްތައް. ވަޅޯމަހާއި ރިހާކުރު ކަހަލަ އެއްޗެހި. އަޅުގަނޑުމެން ދެން ހުޅުމާ ފިހާރައަކުން މަހާއި މަހުގެ އުފެއްދުންތަކުގެ ގިނަ ވައްތަރުތައް އެއްތަނަކުން ލިބޭނެ. ބްރޭންޑެއްގެ ގޮތުގައި މަހުގެ އުފެއްދުންތައް ލިބޭނެ." ރިޟްވާން ބުންޏެވެ.

"ނޮސްޓްރާ" ބްރޭންޑްގެ ނަމުގައި މަހުގެ ގިނަ އުފެއްދުންތަކެއް އުފައްދަން މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ބުންޏެވެ.
"މިފުރުޞަތުގައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް. ވިޔަފާރި އަޑިއަޅާލި ވަގުތު އިތުރަށް ވިޔަފާރި ފުޅާކުރަން ހިއްވަރު މި ލިބުނީ ކަސްޓަމަރުން ދެއްވާ އިތުބާރުގެ ސަބަބުން." ރިޟްވާން ބުންޏެވެ.

