އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލްގެ ނަމަށް ބަދަލުކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އިފްތިތާހް ކޮސްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ.
އެސްއެމްއީ ދިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުގެ ނަން ރީބްރޭންޑް ކުރުމަށްފަހު އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ޝަރީއާ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ އެކި ވިޔަފާރިތައް އެއް ތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް ކަމަށެވެ. އަދި އެސްއެމްއީ ޑިޖިޓަލް އަށް އެ ކުންފުނި ރީބްރޭންޑްކުރީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު، އެ ކުންފުނި ބައްޓަންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން ކުންފުނި ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހައްލެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް ވެސް ބަދުރުއްދީން ވިދާޅުވި އެވެ.
ބީއެމްއެެލްގެ ސަބްސިޑަރީއަކަށް އެސްޑީއެފްސީ ބަދަލުކުރުމަށް ފަހު އެ ބޭންކާއެކު ކުރެވޭ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން އެ ބޭންކުގެ މޯބައިލް އެޕާއި އޭޕީއައި އިން ގުޅުވާލައި އެ އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތައް މާދަމާއިން ފެށިގެން ފެންނާނެ ކަމަށްވެސް ބަދުރުއްދީން ވިދާޅުވި އެވެ.

