ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން 'ޔޫއެސް-ބަންގްލާ އެއާލައިންސް' އަށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ވީއައިއޭގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި 20 ވަނަ އެއާލައިނެވެ. މިކަން ފާހަގަކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ވީއައިއޭގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) ގައެވެ. މި ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސް ގެ އެއާޕޯޓް މެނޭޖަރާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިންނާއި، އޮފިޝަލުންނާއި، ޔޫއެސް-ބަންގްލާ އެއާލައިންސް ގެ ޗެކިންގ ކައުންޓަރގައި ހަރަކާތާތްތެރިވާ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސް ގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލައި، އެ ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
ޓާމިނަލް 1 އާ ކައިރި ކުރި މި އެއަރލައިނުގެ މަތިންދާބޯޓުން ރާއްޖެ އައި ޕަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ. ވީއައިއޭގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި 20 ވަނަ އެއާލައިނަކީ ޔޫއެސް-ބަންގްލާ އެއާލައިންސް ކަމުގައިވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.

