މައިކްރޯސޮފްޓުން ދުބާއީގައި ޓެކްނޮ؛ލޮޖީގެ ވަރުގަދަ އިންވެސްޓްމަންޓެއް ކުރަން ތައްޔާރުވެއްޖެއެވެ.
އެމެރިކާގެ ބޮޑު ޓެކް ކުންފުނި މައިކްރޮސޮފްޓުން މިދިޔަ ހޯމަ ދުވަހު އިއުލާނުކޮށްފައިވާ ގޮތުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކްލައުޑް ކޮމްޕިއުޓިންގ އިންފްރާސްޓްރަކްޗަރަށް 15.2 ބިލިއަން ޑޮލަރުގެ އައު އިންވެސްޓްމަންޓެއް ކުރާނެއެވެ. މިއީ ގަލްފު، މިޑްލް އީސްޓް ސަރަހައްދުގައި އެ ކުންފުނިން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.
މައިކްރޮސޮފްޓްގެ ވައިސް ޗެއާމަން އަދި ރައީސް ބްރެޑް ސްމިތު ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން ގަލްފް ގައުމުގައި މިހާރުވެސް 7.3 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި، 2029 ވަނަ އަހަރުގެ ނިޔަލަށް އިތުރު 7.9 ބިލިއަން ޑޮލަރު ހޭދަކުރުމަށް ރާވާފައިވާ ކަމަށެވެ. މިއަދަދުތަކާއެކު ޖުމްލަ އިންވެސްޓްމަންޓް 15.2 ބިލިއަން ޑޮލަރަށް އަރާނެއެވެ. މިއިއުލާނާއެކު ޓެކް ދާއިރާގައި ވަރަށް ބޮޑު އުއްމީދެއް އުފެދިގެންދިޔައެވެ. އެގޮތުން، އެމެރިކާގެ ޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ޝެއާރޒް 2.6 އިންސައްތަ މައްޗަށް ދިޔައީ، މައިކްރޮސޮފްޓްގެ މި ކަމުން އެންމެ ފުރިހަމަ އޭއައި ޗިޕްތައް އައު މާކެޓްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމަށް އިންވެސްޓަރުން ދެކޭތީއެވެ.
އަބޫދާބީއަށް ކުރެއްވި ދަތުރުފުޅެއްގައި ޝާއިޢު ކުރެއްވި ބްލޮގް ޕޯސްޓެއްގައި ސްމިތު ވިދާޅުވީ "މިއީ ޔޫއޭއީ އިން ފައިސާ ހޯދައިގެން ކުރާ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ޔޫއޭއީގައި ހަރަދުކުރާ ފައިސާ" ކަމަށެވެ. ބޮޑު މި އިންވެސްޓްމަންޓަށް އެމެރިކާ އަދި ޔޫއޭއީ ސަރުކާރުންވެސް ހިތްވަރުދީފައިވާ ކަމަށާއި، މިއީ ޔޫއޭއީގެ އިސް ސޮވެރިން އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި، ޖީ42 އާއެކު ހަދާފައިވާ ރަސްމީ ބައިވެރިވުމުގެ ބައެއް ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ސްމިތު ވިދާޅުވި ގޮތުގައި، ޖުމްލަ ހޭދައިގެ ތިންބައިކުޅަ ދެބައި ހަރަދުކުރާނީ ޔޫއޭއީގެ އެކި ސަރަހައްދުތަކުގައި އޭއައި އަދި ކްލައުޑް ޑޭޓާ ސެންޓަރުތައް ބިނާކުރުމަށެވެ. ބާކީ ތިންބައިކުޅަ އެއްބައި ހަރަދުކުރާނީ މި ސަރަހައްދުގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އެހެނިހެން ހަރަދުތަކަށެވެ. ޓްރަމްޕްގެ އިދާރާއިން ޔޫއޭއީއަށް ޖީޕީޔޫ ޗިޕްތައް ފޯރުކޮށްދިނުމުގެ އެކްސްޕޯޓް ލައިސަންސް ލިބުނު ފުރަތަމަ ކުންފުންޏަކީ މައިކްރޮސޮފްޓް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މިކަމަކީ، އެޑްވާންސްޑް ޕްރޮސެސަރުތައް އެކްސްޕޯޓްކުރުމަށް ވޮޝިންޓަންއިން ކަނޑައަޅާފައިވާ ހަރުކަށި ކޮންޓްރޯލްތަކަށް ބަލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ސައިބަރ ސެކިއުރިޓީ، ގައުމީ ސަލާމަތް، އަދި ޓެކްނޮލޮޖީއާ ގުޅުންހުރި މިންގަނޑުތައް ހަމަޖެއްސުމަށް "ގިނަ މަސައްކަތްތަކެއް" ކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު އަޕްޑޭޓް ކުރެވުނު ލައިސަންސްތަކުގެ ދަށުން، މިހާރު އިތުރު 60,400 އެންވީޑިއާ (Nvidia) އޭ100 (A100) ޗިޕްތަކާއި، އަދި އެއަށްވުރެ ބާރުގަދަ ޖީބީ300 (GB300) ޖީޕީޔޫތަކަށްވެސް މައިކްރޮސޮފްޓަށް ފޯރުކޮށްދިނުމުގެ ހުއްދަ ލިބިފައިވެއެވެ.
"މި ޖީޕީޔޫތައް ބޭނުން ކޮށްގެން އަޅުގަނޑުމެން ދަނީ އޯޕަންއޭއައި، އެންތްރޮޕިކް، އޯޕަން ސޯސް ފޯރުކޮށްދޭ ފަރާތްތައް، އަދި މައިކްރޮސޮފްޓް އަމިއްލައަށް ވެސް ތަރައްގީކޮށްފައިވާ އެޑްވާންސްޑް އޭއައި މޮޑެލްތަކަށް ވަދެވޭނެ މަގު ފަހިކޮށްދެމުން،" ސްމިތު އިތުރަށް ވިދާޅުވިއެވެ. ޔޫއޭއީ އަކީ އެމެރިކާއާ ގާތްގުޅުމެއް ބާއްވާ ގައުމަކަށްވުމާއި، ބައިނަލްއަގްވާމީ ޓެކްނޮލޮޖީގެ މަރުކަޒެއްގެ ގޮތުގައި އެ ގައުމުގެ ދައުރު ފުޅާވަމުން އަންނާތީ، އޭއައި އީޖާދުކުރުމާއި ޑޭޓާ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް އެ ގައުމަކީ އިތުރުވަމުން އަންނަ މުހިންމު މަރުކަޒެކެވެ.

