ގައުމީ އެއަރލައިން މޯލްޑިވިއަންއިން ބަންގްލަދޭޝަށް ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވިއަނުން ވަނީ ބަންގްލަދޭޝްގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއް (GSA) ހޯދުމަށް އިޢުލާންކޮށްފައެވެ.
މޯލްޑިވިއަނުން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، ބަންގްލަދޭޝްގައި ޖީ.އެސް.އޭ އަކަށް ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މިގޮތަށް ޖީ.އެސް.އޭ ހޯދަން ނިންމީ ބަންގްލަދޭޝްގެ މާކެޓްގައި މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކޮށް، ދަތުރުތައް އަލުން ފެށުމަށްޓަކައެވެ.
މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުތައް ބާއްވާފައެވެ. ނަމަވެސް މި ދަތުރުތައް މެދުކަނޑާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އޭރު ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، ދަތުރުފަތުރުގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ. ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ކޮންމެ ހަފްތާއަކުވެސް މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ދިޔައީ ބާއްވަމުންނެވެ.
މިހާރު މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް ކުރަނީ އިންޑިއާ އަދި ޗައިނާއަށެވެ. މި ދެ ގައުމުގެ ޖުމްލަ ފަސް މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް މިހާރު ދަނީ ބާއްވަމުންނެވެ. އަދި ޗުއްޓީއާއި ދިމާކޮށް ބައެއް އެހެން މަންޒިލްތަކަށްވެސް ސީޒަނަލް ދަތުރުތައް މޯލްޑިވިއަނުން ބާއްވައެވެ. ބަންގްލަދޭޝްގެ ދަތުރުތައް އަލުން ފެށުމާއެކު މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ނެޓްވޯކް އިތުރަށް ފުޅާވެގެންދާނެއެވެ.

