އިންވެސްޓަރުން ޝައުޤުވެރިކުރުވައި، އިޤުތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ބޮޑެތި ލުއިތަކަކާއެކު ވަކި ސަރަޙައްދެއްގައި މަސައްކަތްކުރުމަށް މަގުފަހިކުރުމަށްޓަކައި، ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސް.އީ.ޒެޑް) ގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކުރައްވައިފިއެވެ.
މިއީ 2014 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު އުފެދުނު ފަހުން، މި ޤާނޫނަށް ހުށައަޅާފައިވާ ފުރަތަމަ އިސްލާހެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކުރައްވައި އެއް އިސްލާހެއް ހުށައެޅުއްވިއެވެ. އެ އިސްލާހަކީ ބިލުގެ 4 ވަނަ މާއްދާގެ 22 ވަނަ މާއްދާގެ ހ. ގައި ބިލުގައި އޮތް ގޮތް ބަދަލުކުރުމެވެ. މި އިސްލާހުގެ ދަށުން، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ޙައްޤުތައް ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލުކުރުމެވެ. މި އިސްލާހު ހުށައެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އިސްލާހަށް ތާޢީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލްއެވެ.
ކޮމިޓީން ހުށައެޅުއްވި އިސްލާހުތަކާއެކު ބިލު ފާސްކުރަން ފެންނަ ކަމަށް މެންބަރުންގެ އަޤުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. އެގޮތުން ބިލު ފާސްކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް 9 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މި ބިލު ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ، "ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި، އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމެވެ. ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕް މާނަކޮށްފައިވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ޤާނޫނުގައި ބަޔާންކުރާ ވަޞީލަތްތަކާއި، ޚިދުމަތްތަކާ އެކު ޤާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތައް މެދުވެރިކޮށް، މީހުންނަށް ދިރިއުޅެވޭނެ ވަޞީލަތްތަކާއި، ޚިދުމަތްތަކާއި، ޢާންމު ބޭނުންތަކުގެ ވަޞީލަތްތައް ޤާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަޙައްދަކަށެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީ ކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވެލޮޕަރަށް ހުއްދަ ދެވެނީ ގިނަ ޝަރުތުތަކަކާއެކުއެވެ. އެ ޝަރުތުތަކުގެ ތެރޭގައި 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓެއްކަމުގައި ވުމާއި، ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ނުވަތަ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުމާއި، ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ ހަކަތައަކީ އިޢާދަކުރަނިވި ހަކަތައަށްވުމުގެ އިތުރުން ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަރކަލްޗަރގެ ވަޞީލަތްތައް ޤާއިމުކުރުމުގެ ޝަރުތުތައް ހިމެނެއެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރާ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއްވެސް ކަނޑައަޅާފައިވެއެވެ. މި އިނާޔަތްތަކުގެ ތެރޭގައި، ފުރަތަމަ 10 އަހަރަށް އާމްދަނީން ޓެކްސް ނަގާނީ 5 އިންސައްތައިގެ ރޭޓުންނެވެ. އަދި 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 އިންސައްތައިގެ ރޭޓުން ޓެކްސް ނެގޭނެއެވެ. 21 ވަނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްސް ނެގޭނެއެވެ. މީގެ އިތުރުން، ޒޯން ތަރައްޤީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭނެއެވެ.
މި ބިލުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް، މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އިސްލާހުތަކަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

