ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޕަސިންޖަރ ޓާމިނަލުން ސްވިޒަލެންޑްގެ މަޝްހޫރު އެއަރލައިން، 'އެޑެލްވައިސް އެއާ' އަށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މިކަން ފާހަގަކުރުމަށްޓަކައި މިއަދު ވީއައިއޭގެ އައު ޕަސިންޖަރ ޓާމިނަލް (ޓާމިނަލް 1) ގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި، އެޑެލްވައިސް އެއާގެ ސްޓޭޝަން މެނޭޖަރު މަހްޖޫބް އަބްދުالله ގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި އެޑެލްވައިސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލުމުގެ އިތުރުން، އެ އެއަރލައިންގެ ދަތުރުފުޅުގައި ދަތުރުކުރި 205 ފަސިންޖަރުންނަށް ހަދިޔާ ވަނީ ދީފައެވެ.
މީގެއިތުރުން، ޓާމިނަލް 1 އާ ކައިރި ކުރި އެޑެލްވައިސް އެއާގެ ފުރަތަމަ މަތިންދާބޯޓް WK066 އިން ރާއްޖެ އައި 271 ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔައިފައެވެ. ވީއައިއޭގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ 3 ވަނަ އަށް އެންމެ ބޮޑު އެއާލައިނެވެ. މި އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000 ގައެވެ. އެގޮތުން، މިއަދަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު ދުވަސްކަން ފާހަގަކޮށްލެވެއެވެ. މި އެއާލައިން އަކީ ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 22 ވަނަ އެއާލައިނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކޮށް، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

